ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށް ވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކާ އެކު ކުރިއަށްގެންދާ “ރާއްޖެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. މި އެކްސްޕޯ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެކްސްޕޯ އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި މައުލޫމާތުތައް އޮޅުންފިލުއްވާފަ އެވެ.
މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން ބާއްވާ މި މައުރަޒަކީ ސިއްހީ ހިދުމަތްދޭ އެކި މަރުކަޒުތަކާއި ކަމާގުޅުންހުރި މުއައްސަސާތަކުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ފޯރުކޮށްދިނުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. މިއީ ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވާ މުހިންމު ޕްލެޓްފޯމެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މި މަސައްކަތުގައި މުޅި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
“ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން ބާއްވާ މި މައުރަޒު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނީ މި ހިނގާ މަހުގެ 5 އިން 7 ގެ ނިޔަލަށެވެ.