English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަން އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ.

ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު (ބޭންކް ނެގާރާ މެލޭޝިއާ) އަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، މި ފެސިލިޓީ ދިނުމަށް އުސޫލެއްގެ ގޮތުން ވަނީ އެއްބަސްވެފައެވެ. އަދި މި އެއްބަސްވުން އެންމެ އަވަހަކަށް ނިންމުމަށްޓަކައި، ބޭންކް ނެގާރާ މެލޭޝިއާ އާއި އެމްއެމްއޭ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެންމެ އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތައް ހައްލުކުރުމާއި، ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ބޭއްވުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ

ރާއްޖޭގައި ތެޔޮ ނުވަތަ މިނަރަލް ހޯދުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ފަލަސްތީނާއި ގާޒާގެ ރައްޔިތުންގެ ހައްގުގައްޔާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސްޓޭންޑަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ތައުރީފުކުރައްވާފައެވެ.