English Edition
Dhivehi Edition

ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް މައުމޫން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ރައީސް މައުމޫން، އެ ގައުމަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ.

އަމިއްލަފުޅުު ދަތުރުފުޅެއްގައި މިވަގުތު، ލަންކާގައި ހުންނެވި ރައީސް މައުމޫން، ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރެއްވުން އޮތީ އިއްޔެ ސްރީލަންކާގެ ރައީސްގެ އޮފީހުގަ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނީ ދެގައުމުގެ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް އެ ޕާޓީން ބުނެ އެވެ.

ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި، އެމަނިކުފާނުގެ ދަރިކަލުން، އަހުމަދު ފާރިސް މައުމޫން ވަނީ ބައިވެރިވެވަޑައިގެންފައެވ.