މާލެ ކައިރީ އަޅާފައި އޮއްވައި އޮޔާގޮސް، ސިނަމާލެ ބުރިޖުގައި ތެޔޮ ބޯޓުތަކެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސަރުކާރުން ނިންމި ގޮތާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި، ހައިޓީގައި ރެޖިސްޓްރީކޮށްފައިވާ ދެ ބޯޓު ނަގިލި ކަނޑައިގެން ގޮސް ބުރިޖުގައި ޖެހުނު ހާދިސާއަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ދެ ބޯޓަކީ ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެގެން މީގެ ކުރިން ހިފަހައްޓާފައިވާ ދެ ބޯޓެވެ.
އެމްޑީޕީން ބުނީ ދެ ބޯޓުގެ ހާލަތު ގޯސްވެ، ސަލާމަތީ ރައްކާތެރިކަން ނެތްކަން އެނގިތިބެ، ރައްކާތެރި ތަނަކަށް ބަދަލުނުކޮށް ދޮޅުމަސް ދުވަސްވަންދެން ދޫކޮށްލާފައި އޮތުމުން ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން ބުރިޖަށް ބޮޑެތި ގެއްލުންތަކެއް ވުން އެއީ ދުރުކަމެއް ނޫން ކަމަށާއި، ކަންކަން ރަނގަޅަށް ނުބަލައި އެހާ އަވަހަށް ބުރިޖަށް ގެއްލުމެއް ނުވާކަމަށް ކަނޑައެޅުމަކީ ކަންބޮޑުވާ ކަމެކެވެ.
ހުއްދަނެތި އެތައް ދުވަހަކު ބޭރުގެ އުޅަނދުތައް މާލެ ކައިރީ އޮތުމާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި އޮޔާ ދިޔުމަކީ ކަނޑުމަތީގެ ސަލާމަތަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ބުރިޖު ބަލަހައްޓާ ސީއެޗްއީސީން ކުރި އިންސްޕެކްޝަނުން ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް ބުރިޖުގައި އެޅިފައިވާ ކުދި ކޫރުތައް އެ ކުންފުނީގެ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.