ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދާއި މާދަމާ ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވިއްސާރައިގެ ތަފްސީލު ހާމަކުރަމުން އެ އިދާރާއިން ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެ އެލާޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވާނެއެވެ.
މެޓްގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، “މިއަދާ މާދަމާ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ، އަދި މި ވިއްސާރަ ކުރިއަށް އޮތް ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭ” ކަމަށެވެ. އަދި ވިއްސާރަ އަލިވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މާލެއާއި ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ބުރޫއަރައި ގެއްލުންތައް ވެފައެވެ. އެހެންކަމުން ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.