English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖޭގެ ސަރަހައްދަށް ހުއްދަ ނެތި ވަދެ އުޅެނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް، ސިނަމާލެ ބްރިޖުގައި ޖެހި އުރުނު ދެ ބޯޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ވަނީ ކަމާ ބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އިހުމާލުވި ފަރާތްތައް ހޯދުމަށް އެދިވަޑައިގެންފައެވެ.

ކޮމިޓީއަށް ހުށަހެޅި ސިޓީގައި މެންބަރު ފާހަގަކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ދެ އުޅަނދު ވަންކަން އެނގުނީ ހަފުތާއެއް ފަހުން ކަމަށްވާތީ، އެކަމުގައި އިހުމާލުވި ފަރާތްތައް ބެލުމަށް އެދިފައިވެއެވެ. އަދި އެ އުޅަނދު މާލޭގެ ބަނދަރު ސަރަހައްދުގައި އަޅާފައި އޮތް މުއްދަތުގައި އުޅަނދުތަކުގެ ފަންނީ އަދި ސަލާމަތީ ހާލަތު ވަޒަންކޮށްފައިވޭތޯ ސާފުކުރަން އެދިފައިވެއެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖަކީ އިންޝުއާކޮށްފައިވާ ތަނެއްތޯއާއި، ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ހަމަޖެހިފައިވާ އިންތިޒާމުތައް ސާފުކޮށް ދިނުމަށް ވަނީ އެދިފައެވެ.

މި ހާދިސާގައި ބްރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން މިނިސްޓްރީންނާއި ޗައިނާ އެމްބަސީން ވަނީ ކަށަވަރުކޮށްދީފައެވެ. ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް ހިމެނޭ މި ދެ އުޅަނދު ބްރިޖުގައި ޖެހުނު ހާދިސާއަށް ފަހު، އެ ދެ ބޯޓު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.