ދަ ޕެރަޑައިސް ފިލްމުގައި މައިގަނޑު ރޯލުން ފެނިގެންދާ ނާނީގެ މި އެކްޝަން ތްރިލާ ސިނަމާތަކުގައި އަޅުވާގޮތަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2026 ގައެވެ. ފިލްމުގެ ޝޫޓިން ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، “ނެޗުރަލް ސްޓާ” ނާނީ ވަނީ މި ފިލްމުގެ ޓްރެއިލާއެއް ނެރެން ހަމަޖެހިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
އެންމެ ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނާނީ ކަށަވަރުކޮށްދިން ގޮތުގައި، ފިލްމުގެ ޓީމުން ވަނީ މި ފިލްމުގެ ޓްރެއިލާއެއް ނުނެރުމަށް ނިންމާފައެވެ. ޑައިރެކްޓަރު ސްރީކާންތު އޮޑެލާ އިތުރަށް ބުނި ގޮތުގައި، ފިލްމުގެ ކޮންޓެންޓާމެދު މުޅި ޓީމަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތެވެ. އަދި މިހާރުވެސް ފިލްމަށް ލިބެމުންދާ ތަރުހީބު ފުދޭ ކަމަށާއި، އިތުރު ޓްރެއިލާއެއް ނެރުން މުހިންމު ނޫން ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން، މި ފިލްމަކީ މުޅި އިންޑިއާއަށް އަމާޒުކޮށްގެން (ޕޭން-އިންޑިއަން) ނެރޭ ފިލްމެއްގެ ގޮތުގައި އިޝްތިހާރު ނުކުރާނެ ކަމަށާއި، މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ތެލުގޫ ބެލުންތެރިންނަށް ކަމަށް ޓީމުން ވަނީ ސާފުކޮށްދީފައެވެ. ފިލްމާ ބެހޭ އިތުރު ތަފްސީލު ހިއްސާކުރަމުން ނާނީ ހާމަކުރި ގޮތުގައި، މިއީ އިންގިލާބީ އަދި އަސަރުގަދަ މާހައުލެއްގެ ތެރެއިން ފެނިގެންދާ މަންމައަކާއި ދަރިއެއްގެ ވާހަކައެކެވެ.
އަދި މި ފިލްމުގެ ދިގުމިނަކީ 2 ގަޑިއިރާއި 49 މިނެޓު ކަމަށްވެސް ނާނީ ވަނީ ހާމަކޮށްފައެވެ. ‘ދަ ޕެރަޑައިސް’ އިން ފެނިގެންދަނީ އޭނާގެ ރައްޔިތުންނާއި ފަސްގަނޑަށް ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ތެދުވާ އާންމު އިންސާނެއްގެ ވާހަކައެކެވެ. އަނިޔާވެރިންނާ ކުރިމަތިލާން އޭނާ ނިންމުމާއެކު، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ނިކަމެތިވެފައިވާ މީހުންގެ ރައްކާތެރިޔާ އަދި އިދިކޮޅު ރޫހުގެ ލަގަބު އޭނާއަށް ލިބިގެންދެއެވެ. މިއާއެކު ބޮޑު އަދި ނުރައްކާތެރި ކަންކަމަށް މަގުފަހިވެގެންދެއެވެ.
އުފެއްދުންތެރިން ވަނީ މީގެ މަދު ދުވަސްކޮޅެއް ކުރިން ފިލްމުގެ ޓީޒާ ނެރެފައެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކުން ފުރިގެންވާ މި ޓީޒާއިން ރާގަވް ޖުޔާލް، މޯހަން ބާބޫ، ކާޔަދޫ ހަރ، ތަނިކެއްލާ ބަރަނީ، ސޯނާލީ ކުލްކަރްނީ، ސަމްޕޫރްނޭޝް ބާބޫ އަދި އީޝްވަރީ ރާއޯ ފަދަ ތަރިންގެ މުހިންމު ރޯލުތަކުން ފެނިގެން ދއެވެ.
ފުރަތަމަ އޮގަސްޓް 2026 ގައި ނެރުމަށް ހަމަޖެހުނު ނަމަވެސް، ފިލްމު އަޅުވާ ތާރީހު ވަނީ ސެޕްޓެމްބަރ 24 އަށް ފަސްކޮށްފައެވެ. އަދި ޕްރިމިއާ ޝޯތައް ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހުން ޓީމުން ވަނީ “ޔޭޝަނަގުލާ” ގެ ނަމުގައި ފިލްމުގެ ދެވަނަ ލަވަ ނެރެފައެވެ. އަނިރުދް ރަވިޗަންދަރު ކޮމްޕޯޒްކޮށްފައިވާ މި ފޯކް ނެޝުންތެރި ލަވައިން ކީރްތީ ސުރޭޝްގެ ހާއްސަ ފެނިލުމެއްވެސް ފެނިގެންދެއެވެ.