English Edition
Dhivehi Edition
ޑރ. މުހައްމަދު މުނައްވަރު

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ހުންނެވުނީތީ އެކަމާ މިއަދު ދެރަވެ، ލަދުގަންނަ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި މުނައްވަރު ވަނީ މި ސަރުކާރުގެ އިގްތިސާދީ ނިންމުންތަކަށާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެފަދަ ބޮޑެތި މަޝްރޫއުތައް އެހެން ގައުމުތަކުގައި ވެސް އެ ކުންފުނިން އިއުލާނުކޮށް ސޮއިކުރި ނަމަވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ އެއްބަސްވުމެއް ހަދާއިރު އެ ކުންފުންޏަކީ ކޮން ފެންވަރެއްގެ ބައެއްތޯއާއި މަޝްރޫއުތައް ހުއްޓުނު ސަބަބުތައް ސަރުކާރުން ބަލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތަށް ލިބޭ އާމްދަނީ މެނޭޖުކުރުމުގެ ނަމުގައި ގައުމުގެ ހަރުމުދާ ވިއްކުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، ސަރުކާރު ހިންގޭނެ ވަރުގެ ބަޖެޓެއް އޮތްއިރު އެ މެނޭޖުކުރަން ނޭނގުނީތޯ ނުވަތަ ގަސްތުގައި ނޭނގޭކަމަށް ހަދަނީތޯ މުނައްވަރު ސުވާލު އުފެއްދެވިއެވެ. އަދި އަސާސީ ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި، ތަކެތި ލިބުމާމެދު ވެސް ރައްޔިތުން ނުތަނަވަސްކަމެއްގެ ތެރޭގައި ތިބި ކަމަށް ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ޙަގީގީ މާނާގައި ކުރައްވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ރައީސް މުޢިއްޒު އިތުރަށް އެންމެ ހިނދުކޮޅަކު ވެސް ވެރިކަމުގައި ބެހެއްޓުމަކީ ގައުމަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށާއި، ވެރިކަން ހިންގުމުގެ ގާބިލުކަން ނެތްނަމަ އިސްތިޢުފާ ދެއްވުމަށް ނުވަތަ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމުން دورކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

“ރައީސް ޔާމީންގެ އަރިހުގައި ހުންނަން އަޅުގަނޑު ޖެހިލުމެއް ނުވޭ. އަދި ލަދެއްވެސް ނުގަނޭ. އެކަމު މުއިއްޒުގެ އަރިހުގައި ހުރެވުނީތީ މިއަދު ލަދުގަނޭ،” ރައީސް ޔާމީން ގެނެސްދެއްވި ފަދަ ތަރައްގީއެއް އެއްވެސް ވެރިޔަކު ގެނެސްދެއްވާފައި ނުވާކަމަށް ވިދާޅުވަމުން މުނައްވަރު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމަށްފަހު ފަހުން ރައީސް މުޢިއްޒަށް ތާއީދުކުރެއްވި މުނައްވަރަކީ، ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓުނު މައްސަލަ ތަޙުގީގު ކުރަން ރައީސް މުޢިއްޒު އުފެއްދެވި ކޮމިޝަނުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.