English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކޮށް، އިދާރީ ވަސީލަތްތައް ހަރުދަނާކުރުމަށް އިމާރާތްކުރި 3 ބުރީގެ މި އިމާރާތަކީ 40 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން ބިލްޑިންގެކެވެ. މި އެކޮމޮޑޭޝަން ބިލްޑިންގައި ފުލުހުންނަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އަސާސީ ވަސީލަތްތަކުގެ އިތުރުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ކޮންފަރެންސް ރޫމާއި، ކޮމަން އޭރިއާތައް ހިމެނެއެވެ.

2022 ވަނަ އަހަރު ދިވެހި ފުލުހުންގެ އިންފްރާސްޓްރަކްޗާ ޓީމުން ޑިޒައިންކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ޖަނަވަރީ 8، 2023 ގައެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ 14 ފެބުރުވަރީ 2023 ގައެވެ.

ފުލުހުން ބުނީ މިއީ މާލެ ސަރަހައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެެ.