ދައުލަތުގެ ހަރަދު ކުޑަކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި، ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލުމަށްފަހު، ސްޓެލްކޯ އަދި އެމްޓީސީސީއާ އެއްކޮށްލަން ނިންމައިފިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފެނަކަ އުވާލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ފެންނަން އޮތް ކަމަށެވެ. އެ ކުންފުނި ހަމަމަގަށް އަޅުވައި ހިންގުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، ފަންނީ ބޭފުޅުން ލަފާދެއްވާފައިވަނީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމެވި ސަބަބުތައް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އާރްޑީސީން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ މަގުހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެމްޓީސީސީއަކީވެސް މަގު ހެދުމާއި އެހެނިހެން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏަކަށް ވުމުން، ދެ ކުންފުނިން އެއް މަސައްކަތްތަކެއް ކުރަމުންދާތީ ހަރަދު ބޮޑުވެ މަސައްކަތްތައް ތަކުރާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ ފެނަކަ އުވާލައި ސްޓެލްކޯއާއި އެއްކޮށްލަން. އެހެންމަ މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން މި ޕްރޮސެސް ނިމުނީމަ. ފެނަކައިގެ މުޅި މަސައްކަތް ސްޓެލްކޯއަށް ބަދަލުކޮށް ފެނަކަ އުވާލެވިގެންދާނެ،” ކުންފުނިތަކަށް ގެންނަ ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
މި ދެ ކުންފުނި އެއްކޮށްލުމުން އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ އިތުރުވެ، އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރުން، ދައުލަތުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މި މަރުހަލާގެ ތެރެއިން، ކުންފުނިތަކުގައި ތިބި އިތުރު މުވައްޒަފުންގެ އަދަދުވެސް މަދުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.