English Edition
Dhivehi Edition
އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ދިވެހިރާއްޖޭގެ މުވާސަލާތީ މައި ކުންފުނި ދިރާގާއި ފެން ކުންފުނި އެމްޑަބްލިޔުއެސްސީން ބޭރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ހިއްސާތައް އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްލާހު ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ނިންމުމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލާފައިވާއިރު، އެ ހިއްސާ އަލުން ހޯދައި އެ ކުންފުންޏަކީ ސަރުކާރުގެ 51 ޕަސަންޓު ހިއްސާ އޮންނަ ތަނަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި ދިރާގަކީ ރައްޔިތުންގެ ވަރަށް ބޮޑު ހަރުމުދަލެއް ކަމަށާއި، ކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމަކީ ގައުމުގެ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

“ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،” ރައީސް ވިދާޅުވިއެވެ.

ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކުންފުނިން ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައިވާ 20 ޕަސަންޓު ހިއްސާ އަނބުރާ ގަތުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އެމްޑަބްލިޔުއެސްސީ ވެގެންދާނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ، ރައްޔިތުންގެ ފުރިހަމަ ކޮންޓްރޯލް އޮތް ކުންފުންޏަކަށެވެ.

މިހާރު ދިރާގުގެ ހިއްސާ ބެހިފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ އޮންނަނީ 41.8 ޕަސަންޓު ހިއްސާއެވެ. އަދި ބާކީ ހިއްސާތައް ތަމްސީލުކުރަނީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. މީގެއިތުރުން، އެމްޑަބްލިޔުއެސްސީގެ 80 ޕަސަންޓު ހިއްސާ ދިވެހި ސަރުކާރުން ތަމްސީލު ކުރާއިރު، އެ ކުންފުނީގެ ބާކީ 20 ޕަސަންޓު ހިއްސާ މިހާރު މިލްކުވެރި ފަރާތަކީ ޖަޕާނުގެ ހިޓާޗީ ގްރޫޕެވެ.