English Edition
Dhivehi Edition

ރާއްޖެއިން އިންޑިއާއަށް ފަވަރަ މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވޭނެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ނެޓްވޯކް “ފަވަރަ” އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ގުޅާލައިގެން ތައާރަފުކުރި ހިދުމަތެކެވެ.

އެމްއެމްއޭ އިން ބުނީ، މިއީ ފަވަރަ ނެޓްވޯކް އިންޓަނޭޝަނަލް ޕޭމަންޓް ނިޒާމަކާ ގުޅާލި ފުރަތަމަ ފަހަރު ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގައި ތިބޭ މީހުންނަށް އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. މިގޮތުން ދިވެހި ރުފިޔާ ނުވަތަ ޔޫއެސް ޑޮލަރުން ފޮނުވާ ފައިސާ އިންޑިއާގެ އެކައުންޓްތަކަށް ލިބޭނީ އިންޑިއަން ރުޕީސްއިންނެވެ.

މި ހިދުމަތް ފުރަތަމަ މަރުހަލާގައި ލިބޭނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަށެވެ. އެގޮތުން ބީއެމްއެލް އަދި އެމްއައިބީގެ އެކައުންޓް ހޯލްޑަރުންނަށް ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. މި ހިދުމަތުގެ ދަށުން މަހަކު ފޮނުވޭނެ އެންމެ މަތީ މިންވަރަކީ 24,000 އިންޑިއަން ރުޕީސް އެވެ.

ފައިސާ ފޮނުވޭނީ އާއިލީ ހަރަދުތަކާއި، ބޭސްފަރުވާ އަދި ތައުލީމީ ހަރަދުތަކަށް އެކަންޏެވެ. ފައިސާ ފޮނުވާއިރު، ފައިސާ ލިބޭ ފަރާތުގެ މައުލޫމާތު ޔޫޕީއައި ނިޒާމުން ކަށަވަރު ކުރާނެއެވެ. އަދި ފައިސާ ފޮނުވާ މީހާއަށް އެ ވަގުތުގެ އެކްސްޗޭންޖް ރޭޓާއި، ބޭންކުން ނަގާ ފީ އަދި ފައިސާ ލިބޭ ފަރާތުގެ ނަން ސާފުކޮށް ފެންނަން ހުންނާނެއެވެ.

ކުރިއަށް އޮތް ތަނުގައި ވިޔަފާރިތަކަށް ފައިސާ ފޮނުވޭނެ ނިޒާމާއި، ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ. މި ކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް މާލީ އަދި އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.