މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިޔަން އެމެރިކާ ޑޮލަރުގައި ހުރިއިރު، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވަށް އަހަރުން އަހަރަށް ބަލާއިރު ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކުގެ ހިސާބުތަކުން އެނގޭ ގޮތުގައި، ޖުމްލަ ރިޒާވްގެ އަދަދު ކުރީ މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރު ދަށްވި ނަމަވެސް، އިގުތިސާދީ ދިރުން ދައްކައިދޭ ޔޫސަބަލް ރިޒާވް ވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައެވެ.
ޖޫން މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގެ ގޮތުގައި ހުރީ 248.9 މިލިޔަން ޑޮލަރެވެ. މިއީ މެއި މަހާ އަޅާބަލާއިރު ކުޑަ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރި 203 މިލިޔަން ޑޮލަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 23 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ މާލީ ހާލަތަށް އަންނަމުންދާ ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. ޚާއްސަކޮށް، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ ކުރީ މަހާ އަޅާބަލާއިރު 43 ޕަސަންޓު އިތުރުވެފައެވެ.
ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މީގެ އިތުރުން، ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއެކު ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށް ވޯލްޑް ބޭންކުގެ “މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2026” ރިޕޯޓުގައި ވެސް ވަނީ ބުނެފައެވެ.