ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، ރާއްޖޭގެ ކަނޑުތަކުގެ ލޮނުގަނޑު ހޫނުވެ ފަރުތަކަށާއި މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެދާނެކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ދީފިއެވެ.
މެޓް އޮފީހުން މިކަން ހާމަކުރީ، ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖޭގެ މޫސުން އޮންނާނެ ގޮތް ލަފާކުރުމަށްފަހު އާންމުކުރި މައުލޫމާތުގައެވެ.
ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމަކީ ރާއްޖޭގެ ނާޒުކު ފަރުތަކުގެ ދިރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މީގެ ސަބަބުން ގާހުދުވުމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިގުތިސާދުގެ މުހިންމު ސިނާއަތް ކަމަށްވާ މަސްވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް ހޫނުވުމުގެ އިތުރުން، ވައިގެ ތެރޭގައި އިހުސާސްކުރެވޭ ހޫނުމިން ވެސް މި ދުވަސްވަރު ވަރަށް ބޮޑަށް މައްޗަށް ދާނެއެވެ. މިއަދު މެންދުރުފަހު 2:00 ގައި މާލެއަށް އިހުސާސްކުރެވުނު ހޫނުމިން 39.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، މާދަމާ ވެސް މެންދުރުފަހުގެ ވަގުތުތަކުގައި ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އާންމުކޮށް އެންމެ ހޫނުގަދަވަނީ މެންދުރު 1:00 އާއި 2:00 އާ ދެމެދުގައެވެ.
އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ވާރޭވެހޭ މިންވަރަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މެދުރާއްޖެތެރެއަށް އާންމުކޮށް ވެހޭވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުމަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ހޫނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ދުވަހު ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.