ދައުލަތުން ދަރަނި ދެއްކުމަށް ކުރާ ހަރަދުތައް ބޮޑުތަނުން އިތުރުވެ، މި އަހަރުގެ އޯގަސްޓު 6 ގެ ނިޔަލަށް ބޭރުގެ ލޯނުތައް އަދާކުރުމަށް 9.6 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހަރަދުކުރި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146 ޕަސަންޓުގެ އިތުރުވުމެކެވެ.
ފައިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް ގަވާއިދުން އަދާކުރަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައިވެސް ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ. މުޅި މި އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.
ލޯނު ދެއްކުމަށް ކުރި ހަރަދު އިތުރުވި ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީއަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން މި މުއްދަތުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 26.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.3 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީޖީއެސްޓީން 3.4 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދުތަކަށް ބަލާއިރު، ހިނގަމުންދާ ހަރަދު ވަނީ 23.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ސަބްސިޑީއަށް 3.2 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި އުމްރާނީ ވަސީލަތްތަކާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.