އަމިއްލަ ބޭންކު އެކައުންޓާއި ޑެބިޓް ކާޑު އެހެން މީހުންނަށް ކުއްޔަށް ދިނުން ނުވަތަ ބޭނުންކުރަން ދޭ މީހުންނަށް މަނީ ލޯންޑަރިންގެ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، ގާނޫނާ ހިލާފަށް ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރިކުރުމާއި ތަފާތު ސްކޭމްތައް ހިންގައިގެން މާލީ ކުށްތައް ކުރުމުގައި އެހެން މީހުންގެ އެކައުންޓް ބޭނުންކުރުން މިހާރު ވަރަށް އާންމުވެފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ފަހު ޕީޖީ އޮފީހަށް ފޮނުވާ އެފަދަ މައްސަލަތައް ވަކިވަކިން ބަލައި، ކުށުގެ އަމަލެއް ކުރާކަން އެނގި ތިބެ އެކަމަށް އެކައުންޓް ނުވަތަ ކާޑު ދީފައިވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕީޖީ އޮފީހުން ބުނީ އަމިއްލަ އެކައުންޓް އެހެން މީހަކަށް ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑަރިންގެ ކުށަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވުމުގެ އަމަލެެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެއީ ކިހިނެއް ލިބުނު ފައިސާއެއްކަން ނޭނގޭ ކަމަށް ނުވަތަ އެހެން މީހަކަށް ކާޑު ދީފައިވާ ކަމަށް ބުނުމަކުން ގާނޫނީ ޒިންމާއިން ސަލާމަތެއް ނުވެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެކައުންޓް މެދުވެރިކޮށް ގާނޫނީ ހިލާފު ކަމެއް ކޮށްފި ނަމަ، އެކައުންޓުގެ ވެރިފަރާތުގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލަށް ހިތްވަރު ދިނުމާއި، މަގުފަހިކޮށްދިނުމުގެ އިތުރުން ބައިވެރިވުމުގެ ދައުވާ ކުރެވޭނެއެވެ. އަމިއްލަ އެކައުންޓާއި މާލީ މައުލޫމާތުތައް ރައްކާތެރިކޮށް، ނުދަންނަ ފަރާތްތަކަށް އެކައުންޓް ބޭނުންކުރަން ނުދިނުމަށް މާލީ އިދާރާތަކުންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.