ގދ. ތިނަދޫގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދާ ސްވިފްޓް އިންޖީނިއަރިން ކުންފުނިން ކައުންސިލްގެ ހުއްދައެއް ނެތި އެ ރަށު ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅި މައްސަލައިގައި، އެ ކުންފުނި ޖޫރިމަނާކޮށް ފިޔަވަޅު އަޅައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ۔
ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި އެންވަޔަރްމަންޓް މިނިސްޓްރީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސްވިފްޓް އިންޖީނިއަރިން އިން އެ ސަރަހައްދުގައި އޮތް 6,923 އަކަފޫޓުގެ ކުޅިއަށް ޑީ-ވޯޓަރިން ކުރަމުންދާ ކަން ޒުވާނުންގެ ބަޔަކު ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުޅިއަށް އެ ކުންފުނިން ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށް މި ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ވަނީ ހައުސިން ޔުނިޓް އިމާރާތްކުރާތަނުން ދިގު ހޮޅިއެއް އަޅައި ކުޅިއަށް ފެން ހިންދަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދައުރުވާން ފަށާފައެވެ.