ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް އާލާކުރުމަށްޓަކައި، ނާސަރީ ހެދުމަށް އިތުރު 10 ރަށެއްގެ ކައުންސިލަށް މާލީ އެހީ (ގްރާންޓް) ފޯރުކޮށްދީފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ އެހީ ލިބުނު 10 ރަށުގެ ކައުންސިލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ނާސަރީ އެޅުމަށް މާލީ އެހީ ލިބުނު ރަށްތައް:
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން 1 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުވާނެ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާއިރު، މުޅި ޕްރޮގްރާމުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި 1.8 މިލިއަން ގަސް ވަނީ އިންދާފައެވެ.
މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމުކުރެވޭ ނާސަރީތަކުގައި ހައްދާ ގަސްތައް ކައިރި އެހެން ރަށްރަށަށާއި ސަރަހައްދުތަކަށް ފޮނުވައިގެން އިންދުމަށް ވަނީ ހަމަޖެހިފައެވެ. 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އިފްތިތާޙުކުރި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ އަދި ނުރައްކަލަށް ހުށަހެޅިފައިވާ ގަސްގަހާގެހި އާލާކޮށް، ރަށްރަށުގެ ފެހިކަން އިތުރުކުރުމެވެ.