English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު

ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ އިންޓަނޭޝަނަލް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ އިންޓަނޭޝަނަލް ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމަކަށްވާއިރު، އެންމެންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ސައްހަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް “އޮޕަރޭޝަން ކުރަނގި” ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، އެކަމާ ގުޅޭ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ އިސްލާހުތައް ގެންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026 އިން 2029 އަށް އެކުލަވައިލާ ސްޓްރެޓީޖިކް ޕްލޭނަކީ އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ލިބުނު ސާފު މަގުޗާޓެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ޝިއާރު ކަމަށްވާ “ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ބަލާއިރު، ނާޒުކު ހާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތަށް ދާ ކަމަށެވެ.

އެފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްޓަކައި “މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރ” އާއި “މައިގްރެންޓް ކަނެކްޓް ޕޯޓަލް” ގާއިމުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް އިތުރަށް ގާބިލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށް، ގައުމުގެ ތަރައްގީއާއެކު އަދުލުއިންސާފު ގާއިމުވެ، ކޮންމެ މީހަކަށްމެ އިހުތިރާމާއެކު މުއާމަލާތްކުރެވޭނެ ފަދަ ރާއްޖެއެއް ބިނާކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.