ދުނިޔެ ހޫނުވަމުންދާ ވަރަކަށް، ހިމާލަޔާ ފަރުބަދަތަކަކީ ނުރައްކާތެރި އަދި ހަމަނުޖެހޭ ހާލަތަކަށް ގްލޭޝިއަރުތައް (ގަނޑުފެންގަނޑުތައް) ބަދަލުވަމުންދާ ގިނަ ތަންތަނުގެ ތެރެއިން އެއް ތަނެވެ.
ބުދަ ދުވަހު ނޭޕާލާއި ޗައިނާއަށް ވަނީ ވަރަށް ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ. ހިމާލަޔާގެ ކޯރު ވާދީއަކަށް ފެނާއި، ގަލާއި، މަޑު ފަސްގަނޑު (މަޑުފަސް) އައިސް، ގިނަ އަދަދެއްގެ ގެތަކާއި، ފާލަންތަކާއި، މަގުތަކާއި، އަދި މީހުން ދަމައިގަނެގެން ގޮސްފައިވެއެވެ. ސައިންސްވެރިން އަދިވެސް ދަނީ ކަންވީ ގޮތް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި، ގޭޒާގެ ބޮޑު ޕިރަމިޑްގެ 70 ޕިރަމިޑާ އެއްވަރުގެ ގަނޑުފެނާއި ފަރުބަދައިގެ ބައިތައް މަތިން ނެއްޓިގެން ތިރިއަށް ފައިބައިގެން އައީއެވެ. މިއީ ދުނިޔެ ހޫނުވުމުގެ ސަބަބުން ގްލޭޝިއަރުތައް ގިރެމުންދާތީ ކުރިމަތިވާ ނުރައްކާތަކެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގަނޑުފެންގަނޑުތައް ދަނީ ވަރަށް އަވަސް މިނެއްގައި ގިރެމުންނެވެ.
ގްލޭޝިއަރުތައް ހުންނަނީ ހަމައެކަނި ހިމާލަޔާއަކު ނޫނެވެ. ނޯވޭ، ނިއުޒީލަންޑް، އައިސްލަންޑް އަދި ޗިލީ ފަދަ ގައުމުތަކުގެ މަތީ ފަރުބަދަތަކުގައިވެސް މިފަދަ ނުރައްކާތެރި ގަނޑުފެންގަނޑުތައް ހުރެއެވެ. “ދުނިޔޭގެ ގަނޑުފެން ހުންނަ ހުރިހާ ސަރަހައްދެއްވެސް ދަނީ ހޫނުވަމުން، އަދި އެތަންތަން އަވަހަށް ގިރެމުންދާތީ މިއީ ބޮޑު ނުރައްކަލެއް،” ނޭޕާލުގެ ކަތަމަންޑޫ ޔުނިވަސިޓީގެ ގްލޭޝިއަރޯލޮޖިސްޓް މޯހަން ބަހާދުރް ޗަންދް ވިދާޅުވިއެވެ. ނަމަވެސް، ކޮލޮރާޑޯ ޔުނިވަސިޓީގެ މާހިރެއް ކަމަށްވާ އަލްޓަން ބަޔާސް ވިދާޅުވި ގޮތުގައި، ރަނގަޅަށް މޮނީޓަރު ކުރެވިއްޖެނަމަ، ބައެއް ގްލޭޝިއަރުތައް ވެއްޓެން އުޅޭކަމުގެ ނިޝާންތައް ފެންނާނެއެވެ. މީގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެއެވެ.
ގްލޭޝިއަރުގެ ބާރު
ގްލޭޝިއަރުތައް ނެއްޓިގެން ފައިބާއިރު، އެއީ ބޮޑެތި ފެންބޮޑުވުންތަކާއި ސުނާމީގެ ނުރައްކާތައް ކުރިމަތިކުރުވާ ކަމެކެވެ.
2023 ގައި: ގްރީންލޭންޑްގައި ގަނޑުފެނާއި ގާ މޫދަށް ފައިބައިގެން 650 ފޫޓުގެ އުސް ސުނާމީއެއް އުފެދުނެވެ.
2025 ގައި: އަލާސްކާގައި 1,580 ފޫޓު އުސް ސުނާމީއެއް އުފެދުނެވެ.
މިދިޔަ މެއި މަހު: ސުވިޒަލަންޑްގެ އަލްޕްސް ފަރުބަދަތަކުން ގަނޑުފެންގަނޑެއް ވެއްޓި، ބްލެޓަން ނަމަކަށްކިޔާ ރަށަކަށް ގެއްލުން ވިއެވެ.
ކުރިއަށް އޮތް ތަނުގައި ވާނީ ކިހިނެއް؟
ދުނިޔެ ހޫނުވަމުންދާ ވަރަކަށް މިފަދަ ހާދިސާތައް ގިނަވާނެއެވެ. ސުވިޒަލަންޑުގެ ބްލެޓަން ރަށުން އެއްވެސް މީހަކު މަރުނުވީ، ސައިންސްވެރިންނާއި މޮނީޓަރިންގ ސިސްޓމްތަކުގެ އެހީގައި 9 ދުވަސް ކުރިން މީހުން އެތަނުން ބަދަލުކުރުމުންނެވެ. މިފަދަ މޮނީޓަރިންގ ސިސްޓމްތައް ހިމާލަޔާ ސަރަހައްދުގައި ގާއިމުކުރުމަށް މަސައްކަތް ކުރެވެމުންދިޔަޔަސް، ހިމާލަޔާއަކީ ވަރަށް ބޮޑު ސަރަހައްދަކަށްވެފައި، އެކަމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ތަރައްގީވަމުންދާ ގައުމުތަކުގައި މަދެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ދެން ފެންބޮޑުވާނީ ކޮން ތަނެއްގައި، ކޮން އިރަކުކަމެއް ސީދާ ބުނާކަށް އަދިވެސް ނޭނގެއެވެ. ނަމަވެސް އެއްކަމެއް ކަށަވަރެވެ؛ ކުރިއަށް އޮތް ތަނުގައި މިފަދަ ކާރިސާތައް އިތުރުވާނެއެވެ.