English Edition
Dhivehi Edition
އެމްޕީއެލްއިން މުދާ ކުލިއާ ކުރުން: ފޮޓޯ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުން އެއް ދުވަސް ތެރޭގައި 81 ކޮންސައިންމެންޓެއްގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. ރޯދަ މަހުގެ 17 ވަނަ ދުވަހާ ދިމާވި މާޗު 6 ވަނަ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 1،446 ޓަނުގެ މުދާ ވަނީ ބަނދަރުން ނެރެފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެމްޕީއެލް އޮފީހުން ބުނީ އެ ދުވަހު ކްލިއާކުރި ތަކެތީގެ ތެރޭގައި 1،243 ބަސްތާ ބިހާއި، 860 ބަސްތާ ފިޔާ އަދި 520 ބަސްތާ އަލުވި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކަރާ، ދޮންކެޔޮ، އަލަނާސި އަދި ޓޮމާޓޯ ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ގިނަ ބާވަތްތަކެއް ވަނީ ވިޔަފާރިވެރިންނަށް ދޫކޮށްފައެވެ. ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މިފަދަ ބާވަތްތައް އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.

މި ދުވަސްވަރު މުދާ ކްލިއާކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުންނެވެ. ވަކިން ހާއްސަކޮށް، އަވަހަށް ހަލާކުވާ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށް ބަނދަރުގައި ވަނީ 3،000 އަކަފޫޓުގެ ހިޔާކުރި ޝެޑެއްވެސް ތައްޔާރުކޮށްފައެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.