English Edition
Dhivehi Edition
ކަސްޓަމްސްގެ ސައުތު ރީޖަނަލް އޮފީސް ހުޅުވުން ފޮޓޯ: ކަސްޓަމްސް

ނިމުނު ޖޫން މަހުގެ ތެރޭގައި އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ކަސްޓަމްސްއަށް 406 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މޭ މަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމުނު މޭ މަހުގެ ތެރޭގައި އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ. މޭ މަހު ރާއްޖެއަށް 5.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި އިރު، ޖޫން މަހު ވަނީ 6.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައެވެ.

ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެއީ 1،601 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1،502 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި ޗައިނާއިން 922 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އެތެރެކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން 1.8 ބިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. އަދި ކެއިންބުއިމުގެ ބާވަތްތަކުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ މުދާ އަދި މެޝިނަރީއާއި އެނޫންވެސް ތަކެތީގެ ގޮތުގައި 972 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ޖޫން މަހުގެ ތެރޭގައި ރާއްޖެއިން ވަނީ 153 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރީ ތައިލޭންޑަށެވެ. އެއީ 95 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން އިނގިރޭސިވިލާތަށް 23 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރި އިރު، ތިންވަނައަށް އެންމެ ގިނައިން އިންޑިއާއަށް އެކްސްޕޯޓުކޮށްފައިވަނީ 6 މިލިއަން ރުފިޔާގެ މުދަލެވެ.