English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެއަށް މުދާ އެތެރެކުރާއިރު ހުށަހަޅާ އިންވޮއިސްގެ ސައްހަކަން ކަށަވަރުކޮށްދެވޭ ފަދަ ލިޔެކިޔުން ހުރިނަމަ، އިންވޮއިސްގައިވާ އަގަށްވުރެ ބޮޑު އަގެއް ކަސްޓަމްސް އިން ކަނޑަނޭޅޭނެ ގޮތަށް އުސޫލުތައް ހަރުދަނާކޮށްފިއެވެ.
މިއީ މުދަލުގެ އަގު ކަނޑައެޅުމުގައި ގެންގުޅޭ މިންގަނޑުތަކާމެދު ވިޔަފާރިވެރިންގެ ފަރާތުން އައި ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަސްޓަމްސް އިން ގެނައި މުހިންމު ބަދަލެކެވެ.

މި ބަދަލު ގެނެސްފައިވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިޔަފާރިވެރިން މިކަން ފާހަގަކޮށްފައި ވަނިކޮށެވެ. ސައްހަ ލިޔެކިޔުން ހުށަހެޅުމުން ވެސް އިންވޮއިސްގެ އަގަށް ބަދަލު ގެންނަ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް އެންގެވުމާ ގުޅިގެން، ކަސްޓަމްސް އިން މިހާރު ވަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އެގްރިމަންޓުތަކާއި ކަސްޓަމްސްގެ ގާނޫނާ އެއްގޮތަށް މުދާ ވެލިއުކުރުމުގެ ކަންކަން ބައްޓަންކޮށްފައެވެ. އެގޮތުން އަސާސީ އުސޫލަކަށް ބަލާނީ މުދަލުގެ މުއާމަލާތުގެ އަގު ނުވަތަ “ޓްރާންސެކްޝަން ވެލިއު” އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު، ވެރިފައި ކުރެވޭ ލިޔެކިޔުން ހުށަހެޅުމުން އެ އަގު ކަސްޓަމްސް އިން ގަބޫލުކުރާނެއެވެ. ނަމަވެސް އެފަދަ ލިޔެކިޔުން ނެތް ހާލަތެއްގައި ކަސްޓަމްސް އިން ކަނޑައަޅާ އަގު، ހުށަހަޅާފައިވާ އަގުގެ 25 ޕަސަންޓަށްވުރެ ބޮޑުވާނަމަ، އެ މުދަލަކާ ގުޅޭގޮތުން ހާއްސަ ރިވިއުއެއް ކުރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.