English Edition
Dhivehi Edition
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 150 ކުޑަކުދިން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 87 ފިރިހެން ކުދިންނާއި 63 އަންހެން ކުދިން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ މަހު ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަސް ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައެވެ. އެއީ ފޮސްޓާ ކުރާ އާއިލާތަކާ ހަވާލުކުރި ދެ ކުއްޖަކާއި، އަނބުރާ އަމިއްލަ އާއިލާއާ ގުޅުވާލި ތިން ކުއްޖެކެވެ.

ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް އާންމު ގޮތެއްގައި ނަގަނީ މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުލިބި، އެ ކުދިންނަށް އިހުމާލުވުމުގެ ސަބަބުންނެވެ. އަދި ބަލަހައްޓާނެ މީހަކު ނެތިގެން ވެސް ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ޖެހެއެވެ.

ދައުލަތާ ހަވާލުކުރެވޭ ކުދިން ބަލަހައްޓަމުން ގެންދަނީ މާލެ ސަރަހައްދުގައި ހުންނަ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކުގައި ވެސް މި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.