ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެޅޭނެ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގި ގޮތާމެދު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި އަބަދުވެސް އިސްކަންދޭނީ ކުއްޖާގެ މައިންބަފައިންގެ ގާތުގައި ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ. އަދި މައިންބަފައިންގެ ގާތުގައި ނުބެހެއްޓޭ ހާލަތްތަކުގައި، އާއިލާގެ އެހެން ފަރާތެއްގެ ގާތުގައި ކުއްޖާ ބެހެއްޓެން ހުރިނަމަ އެކަމަށް ދައުލަތުން އިސްކަންދޭނެ ކަމަށްވެސް ބުންޏެވެ.
ކުއްޖެއްގެ ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިއާޔަތްކޮށްގެން މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ދައުލަތަށް ކުއްޖަކު ގެންދެވޭނީ އާއިލާގެ ތެރެއިން އެ ކުއްޖަކަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި އެކޏެވެ.
“ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނޭކަންވެސް ފާހަގަކުރަމެވެ.” ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް ކުއްޖާ އާއިލާއާ ވަކިކުރުމަށް ސައްހަ ސަބަބެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.