ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ އީ-ޕެޓިޝަނެއްގައި 850 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރުއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ބާތިލް އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވުޖޫޖުގައި ނުވާ ވާހަކަތަކެއް ކަމަށެވެ.
މި އިސްލާހު ފާސްވި ނަމަވެސް، ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބިން ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ހިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭކަމެއްކަން ފާހަގަކޮށް މި ޕެޓިޝަނުގައިވަނީ ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫން ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެއް ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވަންޖެހޭނެއެވެ.