އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 މރޭ ފަށައިފިއެވެ. މި ބައްދަލުވުން އިފްތިތާހްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ އިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި 101 އިލްމުވެރިން ބައިވެރިވެލައްވާއިރު އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ހާޠީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން ބައިވެރިވެފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، “21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު” މި ދާއިރާގެ މައްޗަށެވެ. އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުޟޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުޟޫއުތަކަށް އިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މައުޟޫއުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.