ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރަތުގައި އައުގާފުގެ ނިޒާމަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
“ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް، އައުޤާފު ގާނޫނެއް ވުޖޫދު ކުރަން މަސައްކަތްކޮށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން. އިންޝާ ﷲ. ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ﷲ ގެ ރަޙުމަތްފުޅާއެކު މަސައްކަތްކުރާނަން” މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންކަމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ ހަރުދަނާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތާރީހުން އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭ އިސްލާމްވީއްސުރެ އިސްލާމީ ވަޤުފުގެ ކަންކަން ދިވެހިރާއްޖާގައި ވަރަށް ފުޅާާދާއިރާއެއްގައި ހިނގާފައިވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 22 ޑިސެމްބަރު 1932 ގައި ދިވެހިރާއްޖޭގައި ގާނޫނުއަސާސީއެއް ހިންގަން ފެށި އެންމެ ފުރަަތަމަ އުފެދުނު ވުޒާރާތަކުގެ ތެރޭގައި ވުޒާރަތުލް އައުޤާފު ހިމެނެއެވެ. ވުޒާރަތުލް އައުޤާފު ހިނގަމުންދިޔައީ 22 ޑިސެންބަރު 1932 އިން 29 އޮކުޓޫބަރު 1961 އަށެވެ.