ރުގްޔާ ކުރުމުގެ ނަމުގައި ބައެއް މީހުން ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮނުން ފަދަ ދީނާ ހިލާފު އަމަލުތައް ހިންގަމުންދާތީ، އެފަދަ ކަންކަމަށް އާންމުން ސަމާލުވެ ރައްކާތެރިވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ޝަރުއީ ރުގްޔާގެ ނިވަލުގައި ތިބެ ބައެއް މީހުން ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮންނަ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އަދި ސިހުރު ހޯދުމުގެ ނަމުގައި މަހާނަ ނަގައި ނުވަތަ ކޮނެގެން ހިންގާ މިފަދަ އަމަލުތަކަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި އެއްވެސް އަސާސެއް ނެތް، އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝަރުއީ ރުގްޔާއަކީ ބަލިމީހާގެ ޝިފާއަށް އެދި ގުރުއާން ކިޔަވައި ފުމުމާއި، ކިޔެވި ފެން ބޯންދިނުމުގެ އިތުރުން ސުންނަތުން ސާބިތުވާ ދުއާތައް ކިޔުން ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ. ހުރިހާ ބައްޔަކަށް ޝިފާ ދެއްވަނީ ﷲ ކަމަށާއި، ދުއާކުރުމާއެކު ސިއްހީ ފަރުވާ ހޯދުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރުގްޔާގެ ނަމުގައި އޮޅުވާލައިގެން ދީނާ ހިލާފު ކަންތައްތައް ކުރާ ފަރާތްތަކާމެދު ރައްޔިތުން ހޭލުންތެރިވެ، އެފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިވެ ތިބުމަށް އިސްލާމިކް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.