އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ތަރައްގީކޮށްފައިވާ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ކުތުބުހާނާ ހުޅުވިގެންދާނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން ފާހަގަކޮށްލެވެއެވެ. މިރޭ ހުޅުވޭ އިސްލާމީ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
“އިންޝާﷲ މިރޭ އިސްލާމީ ކުތުބުޚާނާ ހުޅުވާނެ، އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ” އިސްލާމީ ކުތުބުޚާނާ ހުޅުވުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގާއުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.