English Edition
Dhivehi Edition

އިންޑޮނޭޝިޔާގެ އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސަށް މިއަދު ފަތިހު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަދުވެގެން 20 މީހުން މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ފަތިހުގެ ވަގުތުގައެވެ. އަދި ބިންހެލުމުގެ ފުންމިނަކީ ބިމުގެ ސަތަހައިން 10 ކިލޯމީޓަރު އަޑިއެވެ. އިމާރާތްތަކާއި ގެދޮރު ވެއްޓުމުގެ ސަބަބުން ގިނަ މީހުން މަރުވެފައިވާއިރު، ހޮސްޕިޓަލްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސުގެ ގަވަރުނަރު އެމަނުއެލް މެލްކިޔަދޭސް ލާކަ ލޭނާ ވިދާޅުވީ، ބިންހެލުމާ ގުޅިގެން 20 މީހުން މަރުވީ، އެ މީހުން ދިރިއުޅެމުންދިޔަ އިމާރާތް ވެއްޓުމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް، އެ ގައުމުގެ ކާރިސާތަކާ ބެހޭ ގައުމީ އިދާރާ (ބީއެންޕީބީ) އިން ބުނީ މަރުވެފައިވާ ކަށަވަރު ކުރެވިފައި ވަނީ އެންމެ މީހެއް ކަމުގައެވެ.

ބިންހެލުމާ ގުޅިގެން ކުދި ސުނާމީ ރާޅުތަކެއް އުފެދުނު ނަމަވެސް، ކަމާބެހޭ އިދާރާތަކުން ފަހުން ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.