English Edition
Dhivehi Edition
މޯލްޑުވިސް ހާފް މެރަތަން 2026

އައިރަނާސް އިން އިންތިޒާމްކޮށްގެން ބޭއްވި “މޯލްޑުވިސް ހާފް މެރަތަން 2026″، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި އިންޓަނޭޝަނަލް ފިޓްނަސް އައިކަން މިލިންދު ސޯމަންގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ހުޅުމާލޭގައި ބާއްވައިފިއެވެ. މި ދުވުމުގެ ހަރަކާތްތައް ކުރިއަށް ދިޔައީ ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކްގައެވެ.

މިއަހަރުގެ ދުވުމުގައި 2،000 އަށްވުރެ ގިނަ ބައިވެރިން ފަސް ކެޓަގަރީއަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ހާފް މެރަތަން ކެޓަގަރީގައި އެކަނިވެސް 460 ދުވުންތެރިން ބައިވެރިވިއެވެ. ހުކުރު ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ މައި ރޭސްތަކުގެ ތެރެއިން ހާފް މެރަތަން އަދި 15 ކިލޯމީޓަރުގެ ދުވުން ފަތިހު 5:15 ގައި ފެށިއިރު، “ޓަފް ޓެން” ދުވުން ބާއްވާފައިވަނީ ހެނދުނު 6:00 ގައެވެ. މީގެއިތުރުން ފަސް ކިލޯމީޓަރުގެ ބައި ހެނދުނު 7:30 ގައި ފެށިއިރު، ކުޑަކުދިންނަށް ހާއްސަ ދުވުން އޮތީ ހެނދުނު 8:30 ގައެވެ.

މޯލްޑުވިސް ހާފް މެރަތަން 2026

މި މުބާރާތުގެ ހަރަކާތްތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެކްސްޕޯއަކާއެކު ވަނީ ފަށާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި އެކްސްޕޯގައި ރޭހުގެ ބިބް ދޫކުރުމާއި، ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ދުވުމާ ގުޅޭ ސާމާނު ވިއްކުން ކުރިއަށް ދިޔައެވެ. މި އެކްސްޕޯގައި މި ހަރަކާތުގެ އިންޓަނޭޝަނަލް އެމްބަސަޑަރު މިލިންދު ސޯމަން ބައިވެރިވެ، ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޯލްޑުވިސް ހާފް މެރަތަން 2026

ބުރާސްފަތި ދުވަހު ކުޑަކުދިންގެ ހާއްސަ ހަރަކާތަކުން އެކްސްޕޯ ނިންމާލުމަށްފަހު، ހުކުރު ދުވަހު ވަނީ މައި ދުވުމުގެ ހުރިހާ އިވެންޓްތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއީ ދުޅަހެޔޮ ސިއްހަތާއި ކުޅިވަރަށް ހިތްވަރު ދިނުމުގެ ގޮތުން އައިރަނާސް އިން އިންތިޒާމްކުރި ބޮޑު ހަރަކާތެކެވެ.