English Edition
Dhivehi Edition
މީހަކު ޒަކާތް ދައްކަނީ

ރާއްޖޭގެ 77 ރަށެއްގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓަރީވެފައެއް ނުވާކަމަށް ޒަކާތު ހައުސްގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. މިއީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލުގެ ދަށުން އެ ދަފްތަރުގައި ރެޖިސްޓަރީވުމަށް ހުޅުވާލުމުން އެކުލަވާލެވުނު ތަފާސްހިސާބުތަކުން ހާމަވި މައުލޫމާތެކެވެ.

ޒަކާތު ހައުސްގެ ރިޕޯޓުގައިވާ ގޮތުން، ފަގީރުންގެ ދަފްތަރުގައި ރެޖިސްޓަރީވުމަށް ހުޅުވާލުމުން މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމު އަދި އަތޮޅުތެރެއިން 311 ފޯމު ވަނީ ލިބިފައެވެ. މިއާއެކު މިދިޔަ އަހަރުގެ ނިޔަލަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 2،852 މީހުން ވަނީ ރެޖިސްޓަރީކޮށްފައެވެ.

ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 4،500 ރުފިޔާގެ ރޭޓުން ފައިސާ ބަހާފައިވެއެވެ. އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 13.57 މިލިއަން ރުފިޔާގެ ތެރެއިން 2،772 މީހުންނަށް ޖުމްލަ 12.47 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.20 މިލިއަން ރުފިޔާ ލިބުނުއިރު، ދަފްތަރުގައި ތިބި 2،852 ފަގީރުންނަށް ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން 14.26 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. ޒަކާތު ފަންޑުން މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންނަށް ޖުމްލަ 38.18 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.