އެޗްޕީއޭއިން ކަނޑައެޅި އާ އުސޫލެއްގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު 3 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އުސޫލުގައިވާ ގޮތުން، މި މާލީ އެހީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާތަކުން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް ބާރުއަޅައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މާލީ އެހީ ދޫކުރުމަށް ހަމަޖެހިފައިވާ 3 ގިންތިއަކަށެވެ.
އެގޮތުން ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކަށް 75,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި ޖުމުލަކޮށް ރާއްޖޭގެ އެންމެންނަށް ފައިދާކުރާނެ މަސައްކަތްތަކަށް 100,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް 300,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.