English Edition
Dhivehi Edition

ޒަކާތު ފަންޑުންގެ ހިލޭ އެހީގެ ދަށުން މިއަހަރު 32 ކުދިންގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ނިންމާ އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ

2015 އަހަރުން ފެށިގެން ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުދިން ފޮނުވަމުންދާއިރު، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ކޮންމެ ޕޭޝަންޓަކަށްވެސް 9 ލައްކަ އެއް ހާ ރުފިޔާ ޚަރަދުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ޒަކާތު ފަންޑުގެ އެހީގެ ދަށުން ބޯންމެރޯ ހަދާ ކުދިންނަށް، ބޯން މެރޯ އޮޕަރޭޝަނަށްފަހު ތިން މަސް ވަންދެން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާއި ހުރިހާ ޚަރަދުތައް ވެސް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ

މި 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރު ދެރޭގައި މިހާތަނަށް 23 ކުދިންގެ މޯންމެރޯޓްރާންސްޕްލާންޓް ވަނީ ހަދައިދީފައެވެ. އެހެންކަމުން މި އަހަރު މި ފޮނުވޭ 32 ކުދިންނާ އެކު މި އަދަދު 2 ގުނަ އިތުރުވެގެން ދާނެއެވެ.

.