English Edition
Dhivehi Edition

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޒަކާތު ފަންޑުން 865 ފަރާތަށް ސިއްޙީ ފަރުވާ ހޯދުމަށް އެހީތެރިވެދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޭސްފަރުވާއަށް ކުރުމަށް ޒަކާތު ފަންޑުން ހުޅުވާލި ފުރުސަތަށް 15 އޮގަސްޓު 2019 އާއި ހަމަޔަށް 944 މީހުން ބޭސްފަރުވާއަށް އެދި ހުށައަޅާފައިވާ ކަމަށާއި މިހާތަނަށް 865 ފަރާތަށް އެހީ ހަމަޖެހިފައިވާ ކަމަށެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިހާތަނަށް އެހީދެވިފައިވާ މައްސަލަތަކަކީ ހިތުގެ ބަލި ،ހަމުގެ ބަލި، ހާނިޔާ، ނާރުގެ ބަލި، ނުކުޅެދޭ ބަލި، ނަފްސާނީ ބަލި، ކިޑްނީ ބަލި، ކެންސަރ، ކަށީގެ މައްސަލަ، ކުޑަކަމުދިޔުމުގެ ނިޒާމް، އާތްރައިޓްސް ބަލި، އައްސިވުން، އެޕިލެޕްސީ، ވާގިނެތޭ ބަލި، މައިބަދަ އިގެ މައްސަލަ، ފުއްޕާމޭގެ މައްސަލަ، ފިޓް ޖެހުން، ލޮލުގެ ބަލި، ގޮހޮރުގެ ބަލި، ގޯލް ބްލަޑާރ ހިލަ އުފެދުން، ސިކުނޑީގެ ޓެސްޓް ހަދަން، ސްޓްރޯކް، ސައިނަސް، ޓްރާންސްޕްލާންޓް ކުރުމަށް، އަދި ޓިއުމަރ އަށެވެ.

މީގެ ތެރެއިން އެންމެ ގިނަ ފަރާތްތަކުން އެހީހޯދާފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް 102 ފަރާތުން އެހީހޯދާފައިވާއިރު ދެން އެންމެ ގިނައިން އެހީހޯދާފައިވަނީ ލޮލުގެ ބައްޔަށާއި ހިތުގެ ބައްޔަށެވެ. އެގޮތުން 62 ފަރާތުން ލޮލުގެ ބައްޔަށް އެހީހޯދާފައިވާއިރު ހިތުގެ ބައްޔަށް 28 ފަރާތުން އެހީހޯދާފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް 10,654,752.73 ރުފިޔާ ޚަރަދު ވެފައިވާ ކަމަށެވެ.