މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، މާލޭ ބަނދަރުން ދެމުން އަންނަ ބައެއް ހިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ ރާއްޖެއަށް ގިނައަދަދަކަށް ތަރުކާރީ، މޭވާ އަދި އަސާސީ ބާވަތްތައް އެތެރެކުރާ ވިޔަފާރިވެރީންނާއެކު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވަޒީރު ވިދާޅުވި ތިލަފުއްޓަށް ބަނދަރު ބަދަލުވުމުން މުދާ ކްލިއާކުރުން އަވަސްވެ، މޭވާއާއި ތަރުކާރީ ފަދަ އަސާސީ ކާބޯތަކެތި ތާޒާކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މުޅި ބަނދަރާއި އެއާ ގުޅުންހުރި ނިޒާމަށް ޖުމްލަ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މުޅި މަޝްރޫއު ނޮވެމްބަރު 2027 ގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝަފީގު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޫބަރު މަހަށް ނިމޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއާ ކުރުމާއި މުދާ ލޯޑުކުރުމުގެ ހިދުމަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޮކްޓޯބަރު މަހުން ފެށިގެން މާލެއާއި ތިލަފުށީގެ ދެ ބަނދަރުގައިވެސް އެއްވަރަކަށް މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މާލެއާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.