ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 ޕަސަންޓަކީ ޒުވާނުން ކަމަށާއި، ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި، ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަށް ވަނީ ސާބަސް ދެއްވައިފައެވެ. އަދި ތަފާތު ރަށްރަށާއި ސަގާފަތްތަކަށް ނިސްބަތްވާ ޒުވާނުންނަށް ދިމާވާ ކަންކަން ތަފާތުވި ނަމަވެސް، މާނަހުރި ފުރުސަތުތަކާއި އަބުރުވެރި ދިރިއުޅުމެއް ހޯދުމުގެ އުންމީދު ހުރިހާ ޒުވާނުންވެސް ހިއްސާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތައުލީމީ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކިޔެވުމުގެ މާހައުލުން ވަޒީފާގެ މައިދާނަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ ކޮންމެ ރަށަކުން އަދި ކޮންމެ ހާލަތަކުން އައި ޒުވާނެއް ނަމަވެސް، އެ މީހެއްގެ ހުވަފެންތަކަކީ އަގުހުރި ހުވަފެންތަކެއް ކަމަށެވެ. އަދި ވަކި ތަނަކަށް ނިސްބަތްވީތީ ފުރުސަތުތައް ހަނިނުވާނެ ރާއްޖެއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އިންޓަނޭޝަނަލް ޒުވާނުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ގައުމީ އަދި އިންޓަނޭޝަނަލް ތަރައްގީގައި ޒުވާނުންގެ ގާބިލިއްޔަތު ފާހަގަކުރުމުގެ ގޮތުންނެވެ.