English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ހަތް ބިލެއް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ބޭންކުތަކުން ޑޮލަރު މާރުކުރަން ޖެހުނު ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ދޭ މުސާރައަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް ތަސްދީގުކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު ބޭންކުތަކަށް މާރުކުރަން ޖެހޭ މިންވަރު މާރުކުރުމަކީ ރިސޯޓުތަކުގެ އޮޕަރޭޝަނަށް ވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަން ދިރާސާތަކުން ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިކަން ބަހަނާއަކަށް ހަދައި، މުވައްޒަފުންގެ މުސާރައަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބޭރު ފައިސާގެ ގާނޫނަށް ގެނައި މި ބަދަލުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވެ، އާންމު ރައްޔިތުންނަށް ވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ޓެކުހާ ގުޅުންހުރި ބިލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ބަދަލުން، އިމާރާތްކުރުމުގެ ދާއިރާގައި ދިވެހި ކުންފުނިތަކަށް ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މީރާއަށް ގެއްލުނު ތަންފީޒީ ބާރު އަލުން ލިބޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

މިއަދު ތަސްދީގުކުރެއްވި ބިލުތަކުގެ ތެރޭގައި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލާއި، މަސްވެރިކަމުގެ ގާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ބިލު ހިމެނެއެވެ. މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު މަގުސަދަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބިލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.