ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޑޮލަރުގެ ރޭޓު 19ރ. އަށް އަދި މަސްދުވަހުގެ ތެރޭގައި 17ރ. އަށް ކުޑަކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއީ އެމްޑީޕީން ކުރިއަށް އޮތް މުޒާހަރާގައި ސަރުކާރަށް ކުރާނެ ޑިމާންޑު ކަމަށެވެ. އަދި 17ރ. އަކީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޑޮލަރުގެ ރޭޓު ހުރި މިންވަރުކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު 22ރ. އަށް އަރާފައިވާއިރު، މިގޮތަށް އަގު އުފުލެމުންދާ ނަމަ ތަކެތީގެ އަގުތައް މައްޗަށް ގޮސް ރާއްޖޭގައި ހައިޕާ އިންފްލޭޝަނެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ނަޝީދު ވިދާޅުވިއެވެ. ޑޮލަރު މަދުވާ މައިގަނޑު ސަބަބަކީ ސަރުކާރުގެ ޚަރަދުތައް ބޮޑުވުމެ މިވަގުތަށް ކުރަން ނުޖެހޭ އެތައް ކަމެއް ސަރުކާރުން ކުރަމުންދިއުންކަމަށް ނަޝީދު ވިދާޅުވިއެވެ.
ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިޚްތިޔާރު އުވާލަން ސަރުކާރުން މަޖިލީހަށް ހުށަހެޅުމަކީ ވިޔަފާރިވެރިން ފަހަތަށް ޖެހި، އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އެއްގޮތަކުން ޑޮލަރުގެ މައްސަލައިގައި ކަންބޮޑުވުން ހުރި ނަމަވެސް، ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ ޕްރޮގްރާމަށް މަރުހަބާ ކިޔާ ކަމަށާއި، އެއީ ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ރަނގަޅު މަގެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.