ރާއްޖެއިން އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ “ކައްޗަލަ” (އެމްބަރ ފިޝް) ބޭރުކުރުމަށް ކަނޑައަޅާ ކޯޓާ ދޫކުރާނީ ޕްރޮސެސިން ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށްވާތީ، އެ ލައިސަންސް ނަގާފައިނުވާ އެކްސްޕޯޓަރުންނަށް ލައިސަންސް ނެގުމުގެ ފުރުސަތު މަސްވެރިކަމާއި، ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ކައްޗަލައަކީ އާބާދީ ދަށްވަމުންދާ ބާވަތަކަށްވާތީ، ‘ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ’ (ސައިޓީސް) ގެ ޖަދުވަލު 2 ގައި 2022 ވަނަ އަހަރު ހިމަނާފައިވާތީއެވެ. ސައިޓީސްގެ ގަވާއިދުތައް ބުނާގޮތުން، ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީގެ ހާއްސަ ހުއްދައަކާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެކަން ކަށަވަރުކުރުމަށްފަހުއެވެ.
އެގޮތުން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ ކައްޗަލަ މަސްވެރިކަމުގެ ‘ނޮން-ޑެޓްރިމަންޓަލް ފައިންޑިން’ (އެންޑީއެފް) ރިޕޯޓް ތައްޔާރުކޮށް، އެކްސްޕޯޓް ކުރެވޭނެ މިންވަރު ކަނޑައަޅާފައެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ފާއިތުވި ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕްރޮސެސިން ލައިސަންސް އޮތް ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާނެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެހެންކަމުން، ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ “ކެޔޮޅު” ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.