މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެވްރެޖުކޮށް ދުވާލަކު 7 ނުވަތަ 8 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގައި މާލެއާއި ބްރިޖު އަދި ހައިވޭ ހިމެނޭހެން ޖުމްލަ 1،355 އެކްސިޑެންޓު ވަނީ ރެކޯޑު ކުރެވިފައެވެ.
މި އެކްސިޑެންޓުތަކުގެ ބޮޑު ބައެއް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓުތަކުގެ 83.25 ޕަސަންޓު މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ރެކޯޑު ކުރެވިފައިވަނީ 16.75 ޕަސަންޓު އެކްސިޑެންޓެވެ. މީގެ އިތުރުން ރެކޯޑު ކުރެވުނު އެކްސިޑެންޓުތަކުގެ 66.49 ޕަސަންޓު ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
މަސްތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓު ރެކޯޑު ކުރެވުނެވެ. އެންމެ މަދުން އެކްސިޑެންޓު ހިނގާފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 191 އެކްސިޑެންޓެވެ. ނަމަވެސް މާރިޗު މަހު އަނެއްކާވެސް އެކްސިޑެންޓުތަކުގެ އަދަދު ވަނީ 23.56 ޕަސަންޓު އިތުރުވެފައެވެ.
ފުލުހުންގެ ރިޕޯޓުން ދައްކާ ގޮތުގައި މި ހަ މަސް ދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުތަކުގައި 2 މީހަކު ވަނީ މަރުވެފައެވެ. އަދި 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 1،322 މައްސަލައެއްގައި ކުދި އަނިޔާ ލިބި، 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މަގުމަތީގައި ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ގަވާއިދުތަކަށް ބޯލަނބައި، ދުއްވާއިރު ސަމާލުކަން އިތުރުކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.