ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ އެއް ނަމްބަރު ދުޝްމަނެއް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ސިފަ ކުރައްވައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިވާ މިދަނޑިވަޅުގައި އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ކުރެއްވެވި ޓުވީޓަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ނަޝީދު ވަނީ ގައުމަށް ގައްދާރުވެފައި ކަމަށެވެ.
ނިހާން ވަނީ ނަޝީދު އަކީ ކަނޑައެޅިގެން ރާއްޖޭގެ އެންމެ ބޮޑު ދުޝްމަން ކަމަށް ސާބިތުވެފައި ހުރި ހިޔާނާތްތެރިއެއް ކަމަށާއި މި “ސުލްހަވެރި ގައުމުގައި” ހަލަބޮލިކަން އުފައްދަން ފިލައިގެން ހުރެ ކަންކަން ނުކޮށް ގައުމަށް ވަޑައިގެން ކެރޭ މީހެއްގެ ގޮތުގައި ނިކުންނެވުމަށް ނަޝީދަށް ގޮވާލައްވާފަ އެވެ.
އިންޑިޔާ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން ސަލާމަތް ކުރެއްވުމަށް އިންޑިއާގެ ހާއްސަ މަންދޫބެއް ސިފައިންނާއި އެކު ރާއްޖެ ފޮނުވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
އެމެރިކާ އިން ދިވެހި ސަރުކާރުގެ އިސްވެރިންގެ މާލީ މުއާމަލާތްތައް ހުއްޓުވައި ދިނުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.