English Edition
Dhivehi Edition
ފުވައްމުލައް ޗަސްބިން ސަރަހައްދުގައި ވާ އަލަ އޮޅެއް

ރާއްޖޭގައި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ކަންކަމަށް ބިން ދޫކުރުމާއި ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ އާ ގަވާއިދުގެ ދަށުން، ބިމުގެ އެންމެ ކުޑަ އަގާއި ކުއްޔަށް ދޫކުރެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށްޓަކައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ “ލޭންޑް ވެލުއޭޝަން ކޮމިޓީ” އެއް އުފެއްދެވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ މި ގަވާއިދު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިންނެވެ.

ބިމުގެ އަގުތައް ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އިގްތިސާދީ ފުދުންތެރިކަމަށް ބަލާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ބިމުގެ ރަޖިސްޓަރީތަކެއް ބާތިލެއް ނުވާނެއެވެ. ނަމަވެސް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ބިމުގެ ދަފްތަރު އަދާހަމަކުރަންޖެހޭނެއެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ދިރިއުޅުން ނޫން އެހެނިހެން އިގްތިސާދީ އަދި އިޖުތިމާއީ ބޭނުންތަކަށް ދޫކުރެވޭ ބިންތަކުގެ އިޖުރާއަތްތައް ހަރުދަނާކޮށް، ބިމުގެ ހައްގުތަކާއި މުއާމަލާތްތައް އެއް އުސޫލަކުން ތަރުތީބުކުރުމެވެ.