ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، އެ އުޅަނދު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ “ފްރެންޑް 4” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާއިރު ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިފައިވާކަމަށެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން މިހާރު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުން ދިއުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.