English Edition
Dhivehi Edition
ރައީސް ޑރ. މުހައްމަދު މުއިއްޒު

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމުގެ މައުލޫމާތު ކައުންސިލުން ވަނީ ރައީސް މުއިއްޒުގެ އަރިހުގައި ހިއްސާކޮށްފައެވެ.

އެގޮތުން އުކުޅަހަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު ހައުސިން ޔުނިޓްތަކެއް ގާއިމުކުރުމަށާއި، ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކައިދިނުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ހިއްކާފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުތައް ހަދައިދިނުމަށްވެސް އެދުނެވެ.

މީގެ އިތުރުން ރަށުގެ އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިތައް ކައުންސިލުން ރައީސްގެ ސަމާލުކަމަށް ގެނައެވެ. އަދި ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސައިދިނުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ކައުންސިލުން ހުށަހެޅި ކަންކަން ބައްލަވާނެކަމުގެ އުއްމީދު ދެއްވާފައެވެ. އަދި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން މެދުވެރިކުރައްވައި، ރަށުގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތުތައްވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.