އެމްޕީއެލް އިން ކުރިއަށްގެންދާ ސީ-ޓޫ-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި 131 ކޮންޓޭނަރު (ޓީއީޔޫ) ގެ މުދާ ރާއްޖެ މަގުން އެކި ގައުމުތަކަށް އުފުލައިފިއެވެ. މިއީ ޖުމްލަ 633 ޓަނަށް ވުރެ ގިނަ މުދަލެވެ.
އެމްޕީއެލް އިން ބުނީ މި މުދާ އެކި ގައުމުތަކަށް ފޮނުވުމުގައި ބައިނަލްއަގުވާމީ މަޝްހޫރު 6 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދު، ގަތަރު އެއާވޭސް، ސައޫދިއާ، ސުވިސް އަދި ތުރުކީ އެއާލައިންސް ހިމެނެއެވެ.
ރާއްޖެ މަގުން ސީ-ޓޫ-އެއާ ކާގޯގެ ގޮތުގައި އުފުލި މި މުދާ ފޮނުވާފައިވަނީ ޔޫރަޕާއި އެމެރިކާގެ ގިނަ ގައުމުތަކަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަނުވިލާތް، ފްރާންސް، އިޓަލީ، ސްޕެއިން، ނެދަލޭންޑްސް، ސްވިޑަން، ޗެކް ރިޕަބްލިކް އަދި ތުރުކީ ހިމެނެއެވެ. ސީ-ޓޫ-އެއާ ހިދުމަތަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް އެމްޕީއެލް އިން ދެމުންދާ މުހިންމު ހިދުމަތެކެވެ.