English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިންގުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް 600 އެއްހާ މުވައްޒަފުން އެ ކުންފުނީގައި އެބަތިބި ކަމަށާއި، އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ބޭރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) “ރައިޓް ސައިޒް” ކުރަން ނުވަތަ އެކަށީގެންވާ ވަރަށް ކުޑަކުރަން ވަނީ މަޖުބޫރުވެފައެވެ.

އޭނާ ވިދާޅުވީ ބާޒާރަށް ނުކުންނަ ރުފިޔާގެ އަދަދު އިތުރުވުމުގެ ސަބަބުން ޑޮލަރުގެ އަގު 40 އިންސައްތައަށް ޑީވެލިއުވެފައިވާ ކަމަށެވެ. އަދި އެމްޕީއެލްގެ އިތުރުވާ 600 މުވައްޒަފުންނަށް އެވަރެޖުކޮށް 20،000 އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ދޭއިރު، މަހަކު އިތުރަށް ބޭރުވާ 20 މިލިއަން ރުފިޔާއަކީވެސް ސީދާ ޑޮލަރުގެ ފަހަތުން ދާ ފައިސާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އަނެއްކާ މީގެ ތެރެއިން ގިނަ މީހުންނަކީ ކާޑު ޖަހައިލައިފައި ގެއަށް ދާ މީހުން ކަމަށް ވަނީ. އުފެއްދުންތެރިކަމެއް ނެތް ގޮތެއްގައި މުވައްޒަފުން ވަޒީފާތަކަށް ނެރެންޏާ އެއީ ގައުމުގެ އިގުތިޞާދަށް އޮތް ނިކަމެތިކަމެއް. މިއީ ބަންޑާރަ ބާލީހަށް ކަފަ ލައްވާ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ނަތީޖާ” ނާޒިމް ވިދާޅުވިއެވެ.

ސިޔާސީ ބޭނުންތަކަށް ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުގެ ހިންގުން ބޮއްސުންލައި، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވަމުން، ނާޒިމް ވިދާޅުވީ އެއްވެސް ޖެހިލުމެއް ނެތި ކުންފުނިތަކުން ނަމަކަށް ވަޒީފާ ދިނުމަށްފަހު މުވައްޒަފުން ގޭގައި ބައިތިއްބާނަމަ، އެއިން ދޭހަވަނީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ޒިންމާ އަދާނުކުރެވޭ ކަން ކަމަށެވެ.

އެހެންކަމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ “ފިޓު” އަދި ހަރުދަނާ ކުންފުނިތަކަކަށް ހެދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.