މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާތީ، އަންނަ އަހަރުގެ މިނިވަން ދުވަހު މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ބޮޑެތި އިނާމުތަކާއެކު މި މުބާރާތް ބޭއްވުމަށް ރާވާފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، މިނިވަން ދުވަހާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ބޭއްވި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ހީނާ ވިދާޅުވީ، ކުރެހުމާއި ފޮޓޯގްރަފީ ފަދަ މުބާރާތްތަކަކީ މިނިވަންކަމުގެ މާނައާއި، ރާއްޖޭގެ ސަގާފަތާއި ތާރީހުގެ އިތުރުން ކާބަފައިން ގައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ޖިހާދުތަކުގެ ހަނދާންތައް އާލާކޮށް ދިރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މިނިވަން ދުވަހާއި ގައުމީ ދުވަސް ފަދަ މުހިންމު މުނާސަބަތުތަކާ ގުޅުވައިގެން މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގަސަދަކީ މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމާއި، މިނިވަންކަމުގެ މާނައާއި އެ ދުވަހާ ގުޅިފައިވާ މުހިންމު އިހުސާސްތައް ކުރެހުމާއި ފޮޓޯގެ ޒަރިއްޔާއިން ރައްޔިތުންގެ މެދުގައި ދިރުވައި އާލާކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.
މި މުބާރާތަށް ޖުމްލަ 160 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާއިރު މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 10 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 20 އަހަރާ ދެމެދު، އަދި 21 އަހަރުން މަތީގެ އުމުރުފުރާއެވެ.މި މުބާރާތުގައި ޖުމްލަ 74 ކުރެހުމެއް ބައިވެރިކޮށްފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ 10-15 އަހަރުގެ އުމުރުފުރާއިން 31 ކުރެހުން، 16-20 އަހަރުގެ އުމުރުފުރާއިން 28 ކުރެހުން، އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން 15 ކުރެހުމެވެ. ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 16 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލިއިރު، މި މުބާރާތުގައި ޖުމްލަ 90 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި ދެ މުބާރާތުންވެސް އެންމެ މޮޅު ތިން ފަރާތް ހޮވައި، ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދީފައިވާއިރު ކޮންމެ މުބާރާތަކުން 1 ވަނައަށް ހޮވުނު ފަރާތަށް 10,000 ރުފިޔާ، 2 ވަނައަށް 6,000 ރުފިޔާ، އަދި 3 ވަނައަށް ހޮވުނު ފަރާތަށް 3,000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން މީގެ އިތުރުން، ކުރެހުމުގެ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ކުރެހުމާއި، ފޮޓޯގްރަފީ މުބާރާތުން ހޮވުނު އެންމެ މޮޅު 10 ފޮޓޯ ވަނީ އާންމުންނަށް ފެންނަ ގޮތަށް ބަހައްޓާފައެވެ.