މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު.މަނާގެ، ޒަޔާން އަބްދުއްލަތީފް (22އ) އާއި ވ. ފުލިދޫ، އެވަރެސްޓް، އަހްމަދު ދައުސް އަބްދުލްގާދިރު (19އ) ކަމަށެވެ. . މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ ތެރެއިން ޒަޔާން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ފުލުހުން ބުނީ ދައުސް ހައްޔަރުކޮށްފައިވަނީ ފުލުހުން މާލެތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 27.32 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒަޔާން ޢަބްދުލްލަޠީފް 15 ދުވަހަށް އަދި ދައުސް ޢަބްދުލްޤާދިރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.